06 ޖޫން 2024
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާގުޅިގެން "ކަނޑޫފާ ލޯ ހުޅުވުން" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައި ގަންނަވަފި
News

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކަނޑުފަޅަށް ލޯ ހުޅުވަމާ"ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިއަދު ހަވީރު 4:00 އިން 5:30 އަށް ކުރިއަށްގެންދިޔަ މި ސެޝަން އަމާޒުކޮށްފައިވަނީ މާލޭ ސްކޫލުތަކުގެ މެރިން ސައިންސް ކިޔަވާ ދަރިވަރުންނާއި އެ މާއްދާ ކިޔަވައިދޭ ޓީޗަރުންނަށެވެ. އެ ސެޝަންގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
އެ ޝެޝަންގެ ފުރަތަމަ 25 މިނެޓުގައި ވަނީ، ކަނޑުފަޅުގެ އާއްމު މައުލޫމާތާ ގުޅޭ ޕްރެޒެންޓޭޝަނެއް ދީފައެވެ. އެ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވީ، މޯލްޑިވްސް މެރިން ރިސާސް އިންސްޓިއުޓް (އެމް.އެމް.އާރް.އައި) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އެވެ.
އެ ސެޝަންގައި ވަނީ ރާއްޖޭގެ ކަނޑުފަޅުގެ އާއްމު މައުލޫމާތާއި ރާއްޖޭގެ ކަނޑުފަޅާ ގުޅިފައިވާ ހަތަރު މާހައުލީ ނިޒާމާ ގުޅޭ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި އެއް މާހައުލު އަނެއް މާހައުލާ ގުޅޭ ގޮތާއި އެކަމުން ދިވެހިންނަށް ކުރާ ފައިދާތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފައެވެ.
އެ ސެޝަންގައި ވަނީ ކަނޑުފަޅާ ގުޅޭ ގޮތުން އެމް.އެމް.އާރް.އައި އިން ކުރިއަށްގެންދާ ދިރާސާތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އަދި މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކަކީ ކޮބައިކަންވެސް ބައިވެރިންނަށް ކިޔައިދީފައިވެއެވެ.
ޑރ. އަހުމަދު ރިޔާޒު ޖައުހަރީގެ ޕްރެޒެންޓޭޝަނަށްފަހު، މޯލްޑިވިއަން ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އެމް.އެމް.އާރް. އައި އާއި އޯޝަން ވޮރިއާސް ގުޅިގެން ވަނީ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފައެވެ. އެ ޕެނަލްގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެލެއްވީ، މިނިސްޓަރ އަހުމަދު ޝިޔާމް އަހުމަދެވެ. އެމް.އެން.ޑީ.އެފް ގެ ފަރާތުން ބައިވެރިވެލެއްވީ ބްރެގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ. އެމްއެމްއާރްއައިގެ ފަރާތުން ބައިވެރިވެލެއްވީ ޑރ. އަހުމަދު ރިޔާޒް ޖައުހަރީއެވެ. އޯޝަން ވޮރިއާސްގެ ފަރާތުން ބައިވެލެއްވީ ޑައިވިން ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކޯސް ޑައިރެކްޓަރއެއް ކަމުގައިވާ ޑރ. ޝައްމާ އަބްދުލް ހަމީދެވެ.
އެ ސެޝަންގައި މިނިސްޓަރު ޝިޔާމް ވަނީ، ރާއްޖޭގެ މަސްވެރިކަމަކީ ދެހެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގައި ބާނާ މަހަށް ލިބެންވާ އެންމެ ރަނގަޅު އަގު ނުލިބޭކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގެ ކަނޑުފަޅުތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސެޝަންގެ ބައިވެރިންގެ ކިބައިން އެދިލައްވާފައެވެ.
ޕެނަލް ޑިސްކަޝަން ނިންމާލައްވަމުން މިނިސްޓަރވަނީ ދަރިވަރުންނާއި ޓީޗަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވައިފައެވެ.