13 މެއި 2024
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 28 ވަނަ އަހަރީ ސެޝަންގައި ރާއްޖޭގެ ވަފުދު ބައިވެރިވެއްޖެ
ޙަބަރު
މިމަހުގެ 13 އިން 17 މޭ އަށް ތައިލެންޑްގައި ބޭއްވުނު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 28 ވަނަ އަހަރީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއެވެ.

މިމަހުގެ 13 އިން 17 މޭ އަށް ތައިލެންޑްގައި ބޭއްވުނު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 28 ވަނަ އަހަރީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި މުހިންމު ޤަރާރުތަކެއްވަނީ ފާސްކޮށްފައެވެ. މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް 6 ގައުމަކުން ހުށަހެޅުނު 24 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 16 ހުށަހެޅުމެއްވަނީ އައި.އޯ.ޓީ.ސީގެ މެމްބަރު 30 ގައުމުގެ އިއްތިފާގުން ފާސްކޮށްފައެވެ.
މިއަހަރުގެ ބައްދަލުވުމުގައިވެސް ކަނޑުމަހުގެ އާބާދީ ބަލަހައްޓައި ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ބާރުއަޅާފައިވެއެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެތަށް އަހަރެއްގެ ހޫނު މަޝްވަރާއަށްފަހު، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތި (ޑްރިފްޓިން ފިޝް އެގްރިގޭޓިން ޑިވައިސަސް) ބޭނުންކުރުން މެނޭޖްކުރާނެ ޤަރާރެއް ފާސްކުރެވުމުވެ. މިޤަރާރުގެ ސަބަބުން ފުރަތަމަ ފަހަރަށް އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ ދަފްތަރެއް ގާއިމްކުރެވި މިސަރަހައްދުގައި ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ އަދަދު މޮނިޓަރކުރެވިގެންދާނެއެވެ. މީގެ އިތުރުން، ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ކޮންމެ އުޅަނދަކަށް ދޫކުރެވޭނެ އޮޔާދާ ކަނދުފަތީގެ އަދަދުތަށް މަދުކޮށް އެކަމަށް ހަމައެއް ކަނޑައަޅައި، މިފަދަ އުޅަނދުތަކުން މަސްވެރިކަމުގެ އެފިޝަންސީ އިތުރުކުރުމަށް ބޭނުންކުރާ ސަޕްލައި އުޅަނދުތަކުގެ އަދަދު މަދުކޮށް، އިންޑިއާ ކަނޑުގައި އޮޔާދާ ކަނދުފަތި ބޭނުންކުރަމުންދާގޮތް ބެލެހެއްޓޭނެ ހާއްސަ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވެއެވެ. ބޮޑުދަލުގެ މަސްވެރިކަމަކީ ކުދި ރީނދޫއުރަހަ ގިނައިން ބާނަމުންދާ މަސްވެރިކަމެކެވެ. އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ މިހާ ދަށްވެފައިވާ ދަނޑިވަޅުގައި މިފަދަ ޤަރާރެއް ފާސްކޮށް އެއަށް އަމަލުކުރަން ފެށުން ވެގެންދާނީ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ރަނގަޅު ހާލަތަކަށް ގެނައުމަށް ލިބިގެންދާނެ ވަރަށްބޮޑު އެހީއަކަށެވެ. މިޤަރާރަކީ ދެކުނު އެފްރިކާ، އިންޑޮނީޝިއާ، ޕާކިސްތާން، ޔޫރަޕިއަން ޔޫނިއަން، ދެނުކު ކޮރެއާ، މޮރިޝަސް އަދި ސީޝެލްސްއިން އެއްކޮށް މަސައްކަތްކޮށް ދިވެހިރާއްޖެއިން ގައުމުތަކުގެ މެދުގައި ފެސިލިޓޭޓްކޮށްގެން ފާސްކުރެވުނު ޤަރާރެކެވެ. މިއީ ބައްދަލުވުމުގައި ހާސިލްކުރެވުނު އެންމެ ބޮޑު ކާމިޔާބީއެވެ.
މީގެއިތުރުން ކަޅުބިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް މެނޭޖްމެންޓް ޕްރޮސީޖަރއަކަށް އެއްބަސްވެވުމަކީވެސް މިއަހަރުގެ ބައްދަލުވުމުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެކެވެ. ޔޫރިޕިއަން ޔޫނިއަންއާ ދިވެހިރާއްޖެއިން ސްޕޮންސަކޮށްގެން ހުށަހެޅި މިހުށަހެޅުމަކީ އެތައް އަހަރެއްގެ މަސައްކަތަށްފަހު ސަރަހައްދުގެ ކަމާބެހޭ ސައިންސްޓިސްޓުންނަށް އެއްބަސްވެވިގެން ކަޅުބިލަމަހުގެ އާބާދީ ދަށަށްނުދާނޭ ފަދަ މަސްވެރިކަމުގެ ހަމަތަކެއް ކަނޑައެޅުމަށް ބާރު ލިއްބައިދޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ.
ދެކުނު ކޮރެއާއާ ދިވެހިރާއްޖެއިން ގުޅިގެން އައި.އޯ.ޓީ.ސީއިން މިހާރު އަމަލުކުރަމުންދާ ކްލައިމެޓް ޗޭންޖާއި ބެހޭ ޤަރާރަށް އިތުރު އިސްލާހެއް ގެނެސް އެޤަރާރު އިތުރަށް ވަރުގަދަ ކުރުމަށް ހުށަހެޅި ޕްރޮޕޯސަލްވެސް އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ މަސްވެރިކަމަށް ކޮށްފާނެ އަސަރުތަކަށް ދެނެގަތުމަށް އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީގެ ކޮންމެ އަހަރެއްގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާކުރެވިގެން ދާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އަބާދީއަށް ކޮށްފާނެ އަސަރުތަށް ދެނެގަތުމަށް ދިރާސާކުރުމަށް އިތުރަށް ބާރުއެޅިގެން ދިއުމަކީވެސް މިޕްރޮޕޯސަލް ހުށަހެޅުމުގެ މަޤްސަދެކެވެ.
އިންޑިއާ ކަނޑުގެ މިޔަރުގެ އަބާދީ މެނޭޖްކޮށް ބެލެހެއްޓުމަށް ދިވެހިރާއްޖެއާއި ޕާކިސްތާންއާ ގުޅިގެން ހުށަހެޅި ހުށަހެޅުން މިއަހަރުގެ ބައްދަލުވުމުގައި ހުރިހާ މެންބަރު ގައުމުތަކުގެ އެއްބަސްވުން ލިބިފައިނުވާތީ ފާސްވެފައެއް ނުވެއެވެ. މި ހުށަހެޅުމުގެ ބޭނުމަކީ މަސްވެރިކަމުގައި ބޭނޭ މިޔަރުގެ އުރަހަ އެއްގަމަށްގެނެސް ކިރުވަންދެން އޭގެ ހަށިގަނޑުން ވަކިކުރުން މަނާކުރުމެވެ. މިހުށަހެޅުމުގެ ބޭނުމަކީ މިޔަރުގެ އުރަހަ ހަށިގަނޑުން ވަކިކޮށްފައި ހުންނަ އިރު އެމިޔަރުގެ ބާވަތް ދެނެގަތުމަށް އުދަގޫވުމާއި އެހެނިހެން ސަރަޙައްދީ ޖަމްއިއްޔާތަކުގައި މިޔަރު އާބާދީގެ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ މިހަމަޔަކީ ދުނިޔެ ގަބޫލުކުރާ އެންމެ ރަނގަޅު ޕްރެކްޓިސް ކަމަށްވާތީއެވެ.
އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓާ ސަރަހައްދީ ޖަމުއިއްޔާއެވެ. އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ އިތުރުން އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ގައުމުތަށް ހިމެނޭހެން 29 ގައުމަކުން މިޖަމުއިއްޔާގައި ބައިވެރިވެއެވެ. ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީގެ މެންބަރަކަށްވީ 2011 ގައެވެ.